
ތަޢާރަފް
ވިދިވިދިގެން ދެވަނަ ދައުރަށް މާލެސިޓީގެ މޭޔަރުކަމުގެ އިންތިޚާބު، ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި، މާލެސިޓީގެ މޭޔަރުކަމުގެ ދެވަނަ ދައުރު ފުރުއްވަމުން ގެންދަވާ، މ. ސީނުކަރަންކާގޭ އަލްފާޟިލް އާދަމް އާޒިމަކީ، ކާމިޔާބު ސިޔާސީ ލީޑަރެކެވެ.
މާލޭގެ މޭޔަރު ކަމުގެ ޓިކެޓު ކާމިޔާބު ކުރެއްވުމަށް، އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި އާޒިމް ވާދަކުރެއްވި ކޮންމެ ފަހަރަކުމެ، ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވިއެވެ. މިކަންކަމުން، ހާމަވެގެންދިޔައީ، އެމްޑީޕީގެ މުޒާހަރާތަކާއި، އެއްވުންތަކާ، ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ، އާޒިމް އަދާކުރެއްވި ދައުރާއި، ސަރުކާރުގައި އޭނާ ފުރުއްވި މަޤާމުތަކުގައި، ގައުމަށް ކޮށްދެއްވި މަތިވެރި ޚިދުމަތްތައް، ރާއްޖޭގެ ރައްޔިތުން ފަދައިން، އެމްޑީޕީގެ މެންބަރުން އުފަލާއެކު ބަލައިގަންނަ ކަމެވެ.
އާދަމް އާޒިމަކީ، މޮޅު ފުޓުބޯޅަ ކުޅުންތެރިއެކެވެ. ފުޓުބޯޅަ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ، ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާއި ، ހުނަރުވެރިކަން، އާޒިމްގެ ކިބައިގައި ވެސް ވެއެވެ. މީގެ އިތުރުން، އާޒިމަކީ، ހިންގުންތެރިކަމާއި، އެކައުންޓްސް އަދި އިގްތިސާދީ ދާއިރާގެ ވެސް، ހުނަރުވެރިއެކެވެ. ތަޖުރިބާ ކާރެކެވެ. އާޒިމް، ސެޓްފިކެޓް ލެވަލުން ފެށިގެން ގޮސް، ޑިޕްލޮމާއާއި ބެޗްލާސްއާއި، މާސްޓަރސް އާ ހަމައަށް، ތަޢުލީމް ހާސިލްކުރެއްވީ އެކައުންޓްސްގެ ރޮނގުތަކުންނެވެ.
ރައްޔިތުންގެ ތެރޭގައި އާޒިމް މަގްބޫލުވެ މަޝްހޫރުވީ، ޒިންމާއާއި މަސްއޫލިއްޔަތު ބަރާބަރަށް އުފުއްލަވައި، ވަޢުދާ އެއްގޮތަށް މަޝްރޫޢުތައް ނިންމެވުމުގެ އެންމެ މަތީ ޓްރެކްރެކޯޑް އޮތް ބޭފުޅެއްގެ ގޮތުގައެވެ. ރައްޔިތުން އާޒިމް ބަލައިގަތީ، މޮޅު ހިންގުންތެރިއެއްގެ ގޮތުގައެވެ. ނަތީޖާ ނެރެދޭ އެމްޑީއެއްގެ ގޮތުގައެވެ. ވަރަށް މުރާލި އެހާމެ ކެރޭ ބޭފުޅެއްގެ ގޮތުގައެވެ. އޭނާގެ ޒިންމާގެ ދަށުގައިވާ ކޮންމެ ކަމެއް، އަމިއްލަފުޅަށް ބައްލަވައި، އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ރޫޙު އުފައްފަވައި، އަދި ނަތީޖާ ނެރެދެއްވާ ވެރިއެއްގެ ގޮތުގައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ ސަރުކާރަކީ، ކުޑަރަށެއް ބޮޑުރަށެއް ބެލުމެއްނެތި، ކަރަންޓާ، ބޯފެނާ، ނަރުދަމާގެ ޚިދުމަތް، މުޅިރާއްޖެއަށް ފޯރުކޮށްދިން ސަރުކާރެކެވެ. މި ސަރުކާރުގެ މަޝްރޫޢު ތަކުގެ ތެރޭގައި، ނަރުދަމާ އާއި، ބިން ހިއްކުމާއި، ބަނދަރުތައް ހަދައިދިނުމާއި، ބަނދަރު މަރާމާތު ކުރުންފަދަ، އެތައް މަޝްރޫޢެއް ހިނގިއެވެ. އެ ދުވަސްވަރަކީ، ކޮންމެ ރަށަކުންހެން، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާ އެކްސްކަވޭޓަރުތަކާ، ފޯކްލިފްޓުތަކާ، ކެރޭންތަކާ، ތާރު އެއްވަރުކުރާ ވެހިކަލްތަކުގެ އަޑު، ކަނޑައިގެން ނުގޮސް، އިވިއިވި އޮތް ދުވަސްވަރެކެވެ.
އާދަމް އާޒިމަކީ، ރައީސް ސޯލިޙުގެ ސަރުކާރުގެ ޕްރޮޖެކްޓުތައް، ވަޢުދުވެފައިވާ މުއްދަތަށް ނިންމެވުމުގެ އިތުބާރު، ރައްޔިތުންގެ މެދުގައި ހޯއްދަވާފައިވާ ބޭފުޅެކެވެ. އެއީ މުޅި ރާއްޖެ ހެކިވާ ޙަގީގަތެކެވެ. މި ދެންނެވި ބުރަ މަސްއޫލިއްޔަތު، އެމްޓީސީސީގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމުގައި ހުންނަވައިގެން އުފުއްލެވީ، އެމްޓީސީސީއަކީ، ކުންފުނީގެ ތާރީޚުގައި ވެސް ނުދެކޭފަދަ، ފައިދާވާ ކުންފުންޏަކަށް ހައްދަވަމުންނެވެ. މެޝިނަރީޒްގެ ގޮތުން ކުންފުންޏަށް ވަރަށް ބޮޑު ދިރުމެއް ގެންނަވަމުންނެވެ. މުވައްޒަފުން އެތައް ގުނައަކަށް އިތުރުކޮށް، އެކަށޭނަ އުޖޫރަލިބޭ، އެ ކުންފުނީގެ ވަޒީފާގެ ޑިމާންޑު ބޮޑު ކުންފުންޏަކަށް، އެމްޓީސީސީ އޭނާ ބަދަލު ކުރެއްވީ އާޒިމެވެ.
އެމްޑީޕީގެ ރަށުބަންދުން ރައްޔިތުން ވިއްލުމުގެ ވަޢުދު، ޙަޤީގަތަކަށްވީ، އެމްޓީސީސީން ދޭން ފެށި އާރުޓީއެލްގެ ޚިދުމަތް ތަޢާރަފުވި ހިސާބުންނެވެ. ފެރީ ގިމަތަތައް ނިމި، އޭގެ ޚިދުމަތް ރައްޔިތުންނަށް ލިބެންފެށި ހިސާބުންނެވެ. ގަޑިއަށް އަންނަ އަދި ގަޑިއަށްފުރާ ދަތުރު ތަކަކަށް މި ފެރީދަތުރުތައް ވީ ހިސާބުންނެވެ. މިކަމަށްޓަކައި، ކަނޑަށްފަހި، ދަތުރަށް އަރާމު، އޭސީ ކޮށްފައިހުރި އުޅަނދުތައް ބަނދެ، ރާއްޖޭގެ ބޮޑު ބައެއް ސްޕީޑްފެރީގެ ދަތުރުތަކުން ގުޅާލީ އާޒިމްގެ ލީޑަރޝިޕްގައި އޭރު އޮތް އެމްޓީސީސީންނެވެ. މި މަޝްރޫޢު ކުރިއަށް ދިޔައިރު، މާލެއާއި އަތޮޅުތަކުގެ ބިންބޮޑު ރަށްތަކުގައި އެއާކަންޑިޝަން ބަސްތަކުގެ ދަތުރުފަތުރުގެ ޚިދުމަތް ވެސް، އެމްޓީސީސީން ތަޢާރަފުކޮށް، އެ ޚިދުމަތަކީ ރައްޔިތުންގެ މަޤުބޫލުކަން ލިބުނު ޚިދުމަތަކަށް ބަދަލު ކުރެއްވީވެސް އާދަމް އާޒިމެވެ.
ތަޢުލީމް ޙާސިލް ކުރެއްވުން
އާޒިމްވަނީ، 1995ގައި އެސޯސިއޭޝަން އޮފް އެކައުންޓިން ޓެކްނިޝަންސް އޮފް ސްރީލަންކާ ( އޭ.އޭ.ޓީ) ހައްދަވައިފައެވެ. އެއަށްފަހު، 1995ގައި، ޑިޕްލޮމާއިން އެކައުންޓިން ފުރިހަމަ ކުރެއްވިއެވެ. އަދި 2003 ވަނަ އަހަރު، އެޑްވާންސް ޑިޕްލޮމާ އިން މެނޭޖްމަންޓް އެކައުންޓިން، ކޯސް ފުރިހަމަ ކުރަށްވައިފައެވެ.
އެއަށްފަހު، ހަމަ ހަމައެ އަހަރު، ބެޗްލަރ އޮފް އާޓްސް އޮނާސް އިން އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން، އޭނާ ތަޢުލީމް ހާސިލްކުރަށްވަން ފެށްޓެވިއެވެ. އެއަށްފަހު، 2010 ވަނަ އަހަރު، މާސްޓަރ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ( އެމް.ބީ.އޭ) އިން، ފައިނޭންޝަލް ސްޓަޑީޒް ހައްދަވައިފައި ވެއެވެ.
އަދާކުރެއްވި ވަޒީފާތަކާއި ތަޖުރިބާ
އާދަމް އާޒިމް، 1995ގައި، ވަޒީފާ އަދާކުރަށްވަން ފުރަތަމަ ވެސް ފެށްޓެވީ، އެ ދާއިރާއަކުން، އޭނާ ތަޢުލީމް ހާސިލްކުރެއްވި އޮޑިޓް އަދި އެކައުންޓިންގެ ދާއިރާއިންނެވެ. ފުރަތަމަ ވަޒީފާއަކީ، ކޫޕާސް އޮޑިޓް ފާމްގެ އޮޓިޑް އެސިސްޓެންޓު ކަމެވެ. އެއަށްފަހު، 1996-2000 ވަނަ އަހަރާ ހަމައަށް، އެއާރ މޯލްޑިވްސްގައި އެކައުންޓިން ޓްރޭނީއެއްގެ މަޤާމު ފުރުއްވިއެވެ.
2005 ވަނަ އަހަރުން ފެށިގެން، ޚިދުމަތް ކުރެއްވީ، އާންސްޓް އެންޑް ޔަންގ އޮޑިޓް ފާމުގައެވެ. އެއަށްފަހު، 2001ން 2010 އަކާ ހަމައަށް، އެމް.ޑަބްލިޔު.އެސް.ސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ، "އައިލެންޑް ބެވަރެޖް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ އެތައް މަޤާމެއް ފުރުއްވެވިއެވެ. އޭގެތެރޭގައި، ސީނިއަރ އެކައުންޓެންޓުކަމާއި، އެސިސްޓެންޓް މެނޭޖަރ ފިނޭންސް ކަމާއި، މެނޭޖަރ އެކައުންޓްސް ކަމާއި، ޑެޕިއުޓީ ފައިނޭންސް މެނޭޖަރ ހެޑް އޮފް ފައިނޭންސް ޑިވިޒަން ކަމާއި، ފައިނޭންސް މެނޭޖަރ އެންޑް ޑެޕިއުޓީ ސީ.އީ.އޯގެ މަޤާމުވެސް، ފުރުއްވެވިއެވެ.
2011ން2015ށް، އާޒިމް ހުންނެވީ، " މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް" ގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރ އަދި ޗެއަރމަން ކަމުގެ މަޤާމުގައެވެ. އެއަށްފަހު، 2011 ން 2013ށް، ބެންކް އޮފް މޯލްޑިވްސްގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަޤާމު ފުރުއްވިއެވެ. 2013ން 2015ށް އާޒިމް އަދާކުރެއްވީ، އެސް.ޓީ.އޯގެ މެނެޖިން ޑިރެކްޓަރު ކަމުގެ މަޤާމެވެ. މި މަޤާމަށް ވަޑައިގަތުމުގެ ކުރިން، އާޒިމްވަނީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މާޗަންޑައިޒިންކަމާއި، ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިންގެ މަޤާމު ވެސް ފުރުއްވައިފައެވެ.
2018ން 2020ށް އާޒިމް އަދާކުރެއްވީ، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ގެ މެނޭޖިންގ ޑިރެކްޓަރު ކަމެވެ.
2020ން، 2023ށް، އާޒިމްވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ މަޤާމު ފުރުއްވައިފައެވެ.
2024ން މިއަދާ ހަމައަށް، އާޒިމް އަދާކުރަށްވަމުން ގެންދަވަނީ މާލެސިޓީގެ މޭޔަރު ކަމެވެ.
ޢަމަލީ ތަޖުރިބާ
އެސް.ޓީ.އޯގެ ފަރާތުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭސްފިހާރައެއް، ހަދައި، އެއިން ކޮންމެ ފިހާރައަކަށް ބޭނުންވާނެ ބޭސް ފޯރުކޮށްދީ، މުޅިރާއްޖޭގައި ބޭސްފިހާރަތައް އެސްޓީއޯގެ ފަރާތުން ހުޅުވީ، އާދަމް އާޒިމް، އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުގައި ހުންނަވައިގެން، ހިންގެވި ޚާއްސަ ޕްރޮޖެކްޓަކުންނެވެ.
ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަންގެ އެކައުންޓިންގ ސޮފްޓްވެއަރ ވުޖޫދުކޮށްދީ، އެކައުންޓް ބެލެހެއްޓެވުމުގެ އިތުރުން، ރިސޯޓު ބިޑް ތައްޔާރުކުރުމުގައި ފައިނޭންޝަލް ފީޒިބިލީސް ހެއްދެވުމާއި، ސަފާރީ އާއި ޕޯލްޓްރީ ފާމާއި، ވިޔަފާރީގެ ޕްރޮޖެކްޓުތަކުގެ ބިޒިނަސް ޕްލޭން ހެއްދެވުމާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެމޮރެންޑަމް އޮފް އެސޯސިއޭޝަން ފަދަ ޑޮކިއުމަންޓް 2006ގައި ތައްޔާރުކުރި ޓީމުގެ މެންބަރުކަމާއި، މިފަދަ އެތައް ރޮނގަކުން، މާލީ އަދި ފައިނޭންސް ދާއިރާތަކުގައި މަސައްކަތް ކުރެއްވުމުގެ ތަޖުރިބާއަކީ، އާދަމް އާޒިމްގެ މުއްސަނދި ތަޖުރިބާ ތަކުގެ ތެރޭގައި ގުނާލެވޭ ކަންކަމެވެ.
މީހުން ބިނާކުރުން
އާދަމް އާޒިމަކީ، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ ގޮތުން، މުވައްޒަފުން ތަމްރީން ކުރުމުގެ ތަޖުރިބާކާރެކެވެ. މިގޮތުން، ބަޖެޓު ތައްޔާރުކުރުމާއި ޕްލޭން ކުރުމުގެ ދާއިރާއިން، އެމް.ޑަބްލިޔު.އެސް.ސީ ގައި، މުވައްޒަފުން ތަމްރީން ކުރެއްވިއެވެ. އަދި އެ ކުންފުނީގެ ތަފާތު ޑިވިޒަން ތަކުގެ މުވައްޒަފުން ވެސް ބިނާކުރެއްވިއެވެ. ވަޒީފާ އަދާ ކުރެއްވި މުއައްސާތަކުގެ މުވައްޒަފުންނަށް ހިތްވަރު ދެއްވާ، މީހުން ބިނާ ކުރެއްވުމަކީ ޢާޒިމް އިސްކަން ދެއްވި ކަންކަމުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.
ޚިދުމަތުގެ ތާރީޚު
- 1995
ފުރަތަމަ ވަޒީފާ — ކޫޕާސް އޮޑިޓް ފާމު
އޭ.އޭ.ޓީ (AAT) އަދި އެކައުންޓިންގ އިން ޑިޕްލޮމާ ފުރިހަމަކުރެއްވުމަށްފަހު، ކޫޕާސް އޮޑިޓް ފާމުން ފުރަތަމަ ވަޒީފާ ފެއްޓެވުން.
- 1996–2000
އެކައުންޓިންގ ޓްރޭނީ — އެއަރ މޯލްޑިވްސް
އެއަރ މޯލްޑިވްސްގެ އެކައުންޓިންގ ޓްރޭނީއެއްގެ މަޤާމު ފުރުއްވުން.
- 2001–2010
ސީނިއަރ އެކައުންޓެންޓުން ޑެޕިއުޓީ ސީ.އީ.އޯ އަށް — އައިބީއެމް
އައިލެންޑް ބެވަރެޖް މޯލްޑިވްސް (IBM) ގައި ސީނިއަރ އެކައުންޓެންޓުން ފެށިގެން ޑެޕިއުޓީ ސީ.އީ.އޯ އާ ހަމައަށް ތަފާތު އިސް މަޤާމުތައް ފުރުއްވުން.
- 2003
މެނޭޖްމަންޓް އެކައުންޓިންގ އިން އެޑްވާންސްޑް ޑިޕްލޮމާ
މެނޭޖްމަންޓް އެކައުންޓިންގ އިން އެޑްވާންސްޑް ޑިޕްލޮމާ ފުރިހަމަކުރައްވައި، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލަރސް ޑިގްރީއަށް ކިޔަވަން ފެއްޓެވުން.
- 2006
އެމް.ޓީ.ޑީ.ސީގެ މެމޮރެންޑަމް އޮފް އެސޯސިއޭޝަން
އެމް.ޓީ.ޑީ.ސީ (MTDC) ގެ މެމޮރެންޑަމް އޮފް އެސޯސިއޭޝަން ފަދަ މުހިންމު ޑޮކިއުމަންޓްތައް ތައްޔާރުކުރި ޓީމުގައި ހިމެނިވަޑައިގަތުން.
- 2010
އެމް.ބީ.އޭ — ފައިނޭންޝަލް ސްޓަޑީޒް
ފައިނޭންޝަލް ސްޓަޑީޒްގެ ދާއިރާއިން މާސްޓަރ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރެއްވުން.
- 2011–2013
ނޮން އެގްޒެކެޓިވް ޑިރެކްޓަރ — ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (BML) ގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަޤާމު ފުރުއްވުން.
- 2011–2015
ޗެއަރމަން — މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް
މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސްގެ ޗެއަރމަންކަން ކުރެއްވުން.
- 2013–2015
މެނޭޖިންގ ޑިރެކްޓަރ — އެސްޓީއޯ
އެސް.ޓީ.އޯ (STO) ގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވައި، ރާއްޖޭގެ ކޮންމެ ރަށެއްގައި އެސް.ޓީ.އޯ ބޭސްފިހާރައެއް ހުޅުވުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ހިންގެވުން.
- 2018–2020
މެނޭޖިންގ ޑިރެކްޓަރ — ޚަބަރު އެމް.ޑަބްލިއު.އެސް.ސީ
އެމް.ޑަބްލިޔު.އެސް.ސީ (MWSC) ގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރެއްވުން.
- 2020–2023
ސީ.އީ.އޯ — އެމްޓީސީސީ
އެމް.ޓީ.ސީ.ސީ (MTCC) ގެ ސީ.އީ.އޯގެ މަޤާމުގައި ހުންނަވައިގެން، ކުންފުނި ފައިދާވާ ތަނަކަށް ބަދަލުކޮށް، އާރު.ޓީ.އެލް (RTL) ފެރީގެ ޚިދުމަތާއި ބަހުގެ ޚިދުމަތް ތަޢާރަފުކުރެއްވުން.
- 2024–
މާލެ ސިޓީގެ މޭޔަރު
މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމު ފުރުއްވަމުން ގެންދެވުން.
- 2028
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
ރަންރީނދޫ ފަތިހަކަށް — ފައިސަލް ނަސީމްގެ ނައިބު ރައީސްކަމުގެ ކެނޑިޑޭޓްގެ ގޮތުގައި.
ކޮމެންޓް